އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ނިޔަމިކަމުގެ ސެޓިފިކެޓް-2 ކޯހުގެ އިތުރު ބެޗެއް މާލެ ސިޓީގައި ހިންގަން ތައްޔާރުވެއްޖެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއިން ބުނީ، ކޯހުގެ ކިޔެވުން ފަށާނީ ޑިސެންބަރުމަހުގެ 14ވަނަ ދުވަހު ކަމަށާއި، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް 7921961 އަށް ގުޅާލައިގެން މިހާރު ނަން ނޯޓްކުރެވޭނެކަމަށެވެ.
ކެޓެގަރީ C,B އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މި ކޯސް ކުރިޔަށްގެންދަނީ 30 ގަޑީއިރުގެ މުއްދަތަކަށެވެ. ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކުމާއެކު، ބޭސިކް ހިސާބު ހަދަން އެނގި އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައް ވެސް ކޯހުގައި ބައިވެރިވެވިދާނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ހުއްދައާއެކު ހިންގާ މިކޯހުގައި ކަނޑުމަތީގެ ގަވައިދުތަކާއި، މުވާސަލާތީ ވަސީލަތްތަކާއި، ނެވިގޭޝަން، ސޭފްޓީ، ކޮމިއުނިކޭޝަން، އަދި އުޅަނދުފަހަރުތަކާބެހޭ އާންމު މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެކެޑަމީއެވެ. އެ އެކަޑަމީން މިހާތަނަށްވަނީ މާލެއާއި އަތޮޅުތައް ހިމެނޭހެން ނިޔަމިކަމުގެ ކޯސް-2ގެ 583ބެޗެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. އެތަނުން އާންމުކޮށް ހިންގާ ކޯސްތަކުގެ ތެރޭގައި، ނިޔަމިކަމުގެ ސެޓިފިކެޓް-2ގެ އިތުރުން، ނިޔަމިކަމުގެ ސެޓިފިކެޓް-1، ފަޅުވެރިންގެ ކޯސް އަދި މެރިން މެކޭނިކް ކޯސް ހިމެނެއެވެ. ކޮންމެ އަހަރަކުވެސް މާލެއާއި އަތޮޅުތެރޭގައި މީގެ އެކި ބެޗުތައް ހިންގައެވެ.