މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔާވެ އަޑިއަށް ގޮސްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނިގޮތުގައި މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ ”ނަސްރު“ ނަމަކަށް ކިޔާ ބޯޓު ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ، އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނެގުމަށްފަހު ވަނީ ނައިފަރަށް ގެންގޮސްދީފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ.
އެމްއެންޑީއެފުން ބުނީ، ”ނަސްރު“ ބޯޓު ދިޔަވެގެން އަޑިއަށް ގޮސްފައިވާކަމަށެވެ. ބޯޓު ދިޔަވެ އަޑިއަށްގޮސްފައިވަނީ، ޅ.އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލު ބޭރުންނެވެ. އެ އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.










